|
|
ފ.ނިލަންދޫ އާސާރީ ސަރަހައްދުނިލަންދެ އަތޮޅަށް ނަންދެވިފައިވަނީ އެއަތޮޅުގައިވާ ނިލަންދޫ ނަމަކަށް ކިޔާ މިރަށުގެ ނަމުންނެވެ. މިއިން އަޅުގަނޑުމެންނަށް އެގެނީ ދިވެހި ރާއްޖޭގައި އެވޭލާ ޒަމާނުގައި މިރާއްޖޭގެ ރަށްރަށުގައި ވަޒަންވެރިވި، މީހުންގެ ނަޒަރުގައި ނިލަންދޫ އަކީ ޚާއްޞަ ރަށެއްކަމަށް ވެފައި އޮތްކަމެވެ. ނިލަންދޫ އަކީ އެޒަމާނުގެ ވަރަށް މުހިއްމު ރަށެއްކަން އަޅުގަނޑުމެންނަށް އެގޭ އަނެއް ސަބަބަކީ މިރަށުގައި ވަރަށްކުރީގެ ބިނާތަކުގެ އަސަރު ފެންނަން ހުރިކަމެވެ. މީލާދިން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށްފަހުގައި، އެންމެ ފުރަތަމަ މިސްކިތްތައް ބިނާކުރެވުނު ރަށްރަށުގެ ތެރޭގައި ވެސް ނިލަންދޫ ހިމެނިފައިވާ ކަމީ ފާހަގަ ކުރެވޭ ކަމެކެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚީ ހޯދުންތައްފ.ނިލަންދޫގެ އާޘާރީ ސަރަހައްދަކީ މީލާދީ ސަނަތުގެ 6 ވަނަ ގަރުނުގެ ތަނެއްކަން ސައިންޓިފިކް ގޮތުން ބެލިފައިވާ ބެލުންތަކުން އެގިފައި ވެއެވެ. އަދި މިތަނުން ކޮނެގެން ނެގިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރުގެ އިންޑިޔާ، ސިލޯނުގެ މިފަދަ ތަންތަނުން ނެގިފައިވާ ތަކެއްޗާއި، އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ. 1983 ވަނަ އަހަރާއި، 1984 ވަނަ އަހަރުގައި ނޯވޭގެ އާކިއޮލޮޖިސްޓުން މިރަށުގެ އާޘާރީ ސަރަހައްދުން ވަރަށް ގިނަ ތަކެތި ހޯދާފައި ވެއެވެ. އަދި މިތަކެތީގެ މުހިއްމު ކަމާއި، އެތަކެއްޗާއި ބިނާތައް ހެދި މީހުންގެ ކުޅަދާނަކަން އެމީހުންނަށް ވެސް ފާހަގަ ކުރެވިފައި ވެއެވެ. މީލާދީ ސަނަތުގެ 6 ވަނަ ގަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. މިސަރަހައްދުގައި ހަދާފައިވާ ތަންތަން ހަދާފައިވަނީ ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ ވެސް ކުރީގެ ޒަމާންތަކެއްގެ ތެރޭގައެވެ. އެޒަމާނުގައި އަޅުގަނޑުމެން ރާއްޖޭގައި އުޅުނު ދިވެހީންނަކީ މިހާރުގެ ދިވެހިން ފަދައިން، އެމީހުންގެ ދީނަށް ލޯބިކުރި ބައެއްކަން އަޅުގަނޑުމެންނަށް އެގެނީ ދިވެހި ރާއްޖޭގެ އެކިތަންތަނުން ފެނިފައިވާ މިފަދަ ގަދީމީ ބިނާތަކުންނެވެ. ނިލަންދޫގައި ހުރި ތަންތަނަކީ ސައިންޓިފިކް ގޮތުން ކޮނެ، ހޯދައި ދިރާސާކޮށް ނިމިފައިވާ ތަންތަނެއް ނޫނެވެ. މިތާގައިވާ އާޘާރީ ބިނާތަކަށް އަދި ބަލާލެވިފައިވަނީ ވަރަށް ކުޑަގޮތަކަށެވެ. މިރަށުގެ ތާރީޚްގެ ވަރަށް ބޮޑުބައެއް އަދިވަނީ ބިމުގެ އަޑީގައި ފޮރުވިފައެވެ. ވީމާ އެވޭލާގައި މިބިމުގައި އުޅުނު އަޅުގަނޑުމެންގެ ކާބަފައިންގެ ތާރީޚްގެ ބޮޑުބަޔަކީ އަދި ހުޅުވައި ނުލެވޭ ފޮތެކޭ ވެސް ދެންނެވިދާނެ އެވެ. މިއަގުހުރި ތާރީޚް ހޯދުމުގެ ވަޞީލަތްތަކާއި، ޢިލްމު އަޅުގަނޑުމެންގެ އަތުގައި މިވަގުތު ނެތް ނަމަ ވެސް މިކަންކުރެވޭނެ ދުވަސް ލަސްތަކެއް ނުވެ އަންނާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވެއެވެ. ވީމާ މިހާރު އަޅުގަނޑުމެންނަށް ކުރަން ޖެހިފައިވާ ކަމަކީ މިފަދަ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމެވެ. މިތަނުގެ އާޘާރުތައް ގެއްލިގެން ދިޔަނުދީ ދެމެހެއްޓުމެވެ.
ދުނިޔޭގެ އެހެނިހެން ތަންތާގައި ހުރި އާޘާރީ ބިނާތަކަކީ ވެސް މިދެންނެވި ފަދަ ދިރާސާތައްކޮށް، މަރާމާތުކޮށް ބޮޑަށް ހަލާކުވެފަައިވާ ތަންތަން އެޒަމާނުގައި ހުރިގޮތަށް އަލުން ބިނާކޮށް ހަދާފައިވާ ތަންތަނެވެ. ސްރީލަންކާގެ ބައެއެ އާޘާރީ ތަންތަނަކީ ވެސް ކުރިން މިފަދައިން ހުރި ތަންތަނެވެ. މިފަދަ ބިނާއެއް ކުރިން ހުރިގޮތް އެގެނީ އެތަނުން ފެނިފައިވާ ގައުތަކާއި، އާޘާރުތައް ވީހާވެސް ގިނަ އަދަދަކަށް ހުރެގެންނެވެ. ގިނަތަކެތި މަދުވެފައިވާ ތަނެއް ކުރިންހުރި ގޮތެއް ހޯދަން ދަތިވާނެ އެވެ. ވީމާ އަޅުގަނޑުމެންގެ ކުރީގެ ޙަޟާރަތުގެ ސިއްރުތައް އޮޅުން ފިލުވޭނީ މިފަދަ އާޘާރީ ތަންތަން ރައްކާތެރިކޮށް ބަލަހައްޓައިގެންނެވެ. މިފަދަ ތަންތަނުން ފެންނަ އެންމެ ކުދިކުދި އާޘާރީ ތަކެތި ވެސް ރައްކާތެރި ކޮށްގެންނެވެ. ދުނިޔޭގެ ބައެއް އެހެން އިސްލާމީ ގައުމުތަކުގައި ވެސް ވަރަށް ގަދީމީ ތަންތަން ހުރެއެވެ. މިފަދައިން އެތަކެއް ހާސް އަހަރު ކުރީގެ ގަދީމީ ސަރަހައްދުތައް ހުރި ގައުމު ތަކުގެ ތެރޭގައި މިޞްރާއި، އުރުދުނާއި، ޔަމަނާއި، ބަޙްރައިން ފަދަ ގައުމުތައް ހިމެނެއެވެ. މިގައުމުތަކުގައި ހުރި ގަދީމީ ސަރަހައްދު ތަކުގެ ވަރަށް ގިނަ ތަންތަން މިހާރު ވަނީ ކޮނެހޯދާ ދިރާސާކޮށް ރައްކާތެރި ކުރެވިފައެވެ. އަދި މިތަންތަން ހޯދުމުގެ ސަބަބުން އެގައުމުތަކުގެ ގަދީމީ ތާރީޚްގެ އެތައް ފަތްފުށްތަކެއް މިހާރު ވަނީ މަޢުލޫމާތު ބޭނުން މީހުންނަށް ކިޔައިލެވޭގޮތް ހަމަޖެހިފައެވެ. އެތާރީޚް ދަސްކުރެވޭނޭ މަގުފަހި ވެފައެވެ. ނިލަންދޫގައި މިއޮތް އާޘާރީ ސަރަހައްދަކީ ޝައްކެއް ނެތް ގޮތުގައި މިރަށުގެ އަދި ދިވެހި ރާއްޖޭގެ ވެސް އަގުހުރި ތަރިކަ އެކެވެ. ފައިސާއިން އަގުނުކުރެވޭ ފަދަ އަގުހުރި ތަނެކެވެ. ވީމާ މިތަން ހަލާކުވިޔަނުދީ މިތަނަށް ގެއްލުމެއް ލިބުނަނުދީ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމުގައި ބަލަން ޖެހިފައި ވެއެވެ. މިކަމުގައި ވަރަށް މުހިއްމު ބައެއް އަދާކުރަން ޖެހެނީ އަޅުގަނޑުމެންގެ ޒުވާނުންނަށް ކަމަށް ގަބޫލު ކުރެވެއެވެ. މިކަމުގެ ހޭލުންތެރިކަން އަޅުގަނޑުމެންގެ ތެރޭގައި އުފެއްދުމާއި، ތާރީޚްގެ މުހިއްމުކަން ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ދިވެހި ރާއްޖޭގައި މީހުން އުޅޭތާ މިހާރު ދެހާހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިރާއްޖެ އަށް ފުރަތަމަ އައި އަޅުގަނޑުމެންގެ ކާބަފައިންނާއި، އަދި އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގައި އުޅުނު މީހުންނާއި، އެމީހުން ދިރިއުޅުނު ގޮތްތައް އެގޭނެ ވަޞީލަތްތަކަށް މިހާރު ހުރީ ހަމައެކަނި މިފަދަ އާޘާރުތަކުން ލިބޭ މަޢުލޫމާތެވެ. ދިވެހިންގެ ގަދީމީ ޘަޤާފަތް ދެނެގަނެވޭނޭ އެހެން ގޮތްތަކެއް މިވަގުތަކު އަޅުގަނޑުމެންނަށް ފެންނާކަން ނެތެވެ. އެގޭހައިވެސް އެއްޗަކީ ދިވެހި ރާއްޖޭގެ ވާހަކަތައް މީލާދީ ސަނަތުގެ ކުރީގެ ދުވަސްތަކުގައި ވެސް ބޭރުގައުމުތަކުގެ މަދު ލިޔުންތަކެއްގައި ހުރިކަމެވެ. އޭގެ އެތައް ޒަމާނެއް ކުރިން ވެސް ދިވެހި ބޮލި މިރާއްޖެއިން ބޭރު ގައުމުތަކަށް ގެންގޮސް އެގައުމުތަކުގެ ފައިސާއާއި، ގަހަނާގެ ގޮތުގައި ގެންގުޅެފައިވާ ކަމެވެ. ދިވެހިންނަކީ މީލާދީގެ ގަރުނު ތަކުގެ ކުރީކޮޅުގައި ވެސް ދަތުރުކޮށް އުޅުނު ބައެއް ކަމެވެ. ވީމާ އަޅުގަނޑުމެންގެ ތާރީޚް އޮޅުން ފިލުވަން އޮތް އެތައް ބައިތަކެއް އަދިވެސް ކުރިޔަށް އެބައޮތެވެ. މިފަދަ މަސައްކަތްތަކަކީ އަވަހަށް ކުރެވޭނެ މަސައްކަތްތަކެއް ނޫނެވެ. މިއީ ކެތްތެރިކަމާ ފަރުވާތެރި ކަމާ އެކީގައި ގިނަ ދުވަސްތަކެއް ހޭދަކޮށްގެން ކުރެވޭނެ ކަންތައްތަކެވެ. މިފަދަ ކަންތައްތައް ފުރިހަމަ ގޮތެއްގައި ހިންގޭނީ އަޅުގަނޑުމެންގެ ތެރޭގައި މިކަމުގެ މުހިއްމު ކަމުގެ މައްޗަށް ހޭލުންތެރިކަން އުފައްދައިގެންނެވެ. އަޅުގަނޑުމެން ދެކޭގޮތުގައި މިހާރު ވެސް ނިލަންދޫގެ އާޘާރީ ސަރަހައްދު ވަރަށް ބެލެހެއްޓިފައި ވެއެވެ. އަދި މުސްތަޤްބަލުގައި މިހާރަށްވުރެ ވެސް ރަގަޅަށް މިކަންކަން ކުރިޔަށް ދާނެކަމުގެ އުއްމީދު އަޅުގަނޑުމެންނަށް ކުރެވެއެވެ. ނިލަންދޫގެ އާޘާރީ ސަރަހައްދަކީ އެއަށްޓަކައި ނިލަންދޫގެ ރައްޔިތުންނާއި، އަދި ދިވެހި ރާއްޖޭގެ ރައްޔިތުން ވެސް ފަޚްރުވެރިވާނޭ ތަނެއްކަމަށާ، އަދި މިހާރު ދިވެހި ރާއްޖެއަށް ތަޢާރަފްވަމުން މިދާ ޘަޤާފީ ފަތުރުވެރިކަމުގައި ފާހަގަ ކޮށްލެވޭނެ ތަނަކަށް ވާނޭކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ލިބިފައި ވެއެވެ. މި ސަރަހައްދަކީ މިހާތަނަށް ދިވެހި ސަރުކާރުން އެންމެ ބޮޑު ޚަރަދެއް ކުރައްވާފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ސަރަހައްދެކެވެ. ކުރައްވާފައިވާ ޚަރަދުގެ ތެރޭގައި ސަރަހައްދުގައިވާ ރުއްގަހާ، ގޯތިގެދޮރަށް އަގުދެއްވުމާ، ސަރަހައްދު ވަކިކުރުމަށް ހޭދަވީ ތަކެތި ހިމެނެއެވެ. އަދި މިހާރު ވެސް އެތަން ސާފުކޮށް ބެލެހެއްޓުމުގެ ޚަރަދުތައް ސަރުކާރުން ކުރައްވަމުން އެބަ ގެންދަވައެވެ. ވީމާ މިކަމުން ވެސް ސަރުކާރުން މިތަނަށް ދެއްވާ އަހައްމިއްޔަތު އަޅުގަނޑުމެންނަށް ދޭހަވެއެވެ. ދިވެހި ރާއްޖޭ ފުރަތަމަ ތަރައްޤީ ވަމުން އައިއިރު އަޅުގަނޑުމެންނަށް ލިބުނު އާމްދަނީ އިން ޖެހުނީ އެންމެ މުހިއްމު ކަމަށް އެއިރު ހިމެނުނު ކަންތައްތައް ކުރާށެވެ. ނަމަވެސް މިހާރު މިވަނީ ފުރިހަމަ ކުރަންޖެހޭ އެހެނިހެން ކަންތައްތަކަށް ބަލައިލައި އެކަންތައްތައް ކުރިއެރުވުމަށް މަސައްކަތް ކުރެވޭނޭ ދުވަސް އައިސްފައެވެ. ބައެއްގެ ޤައުމިއްޔަތުގެ ޠަރަޙަ ކަމުގައިވާ ތާރީޚީ ކަންތައްތައް ހޯދައި ބަލައި، ރައްކާތެރިކޮށް ދިރާސާ ކުރެވޭނޭ ފުރުޞަތު މިހާރު ދަނީ ލިބެމުންނެވެ. ވީމާ މިކަމަކީ ގައުމީ ޚިދުމަތެއްގެ ގޮތުގައި ބަލައިގެން މަސައްކަތްކުރުމަކީ އުފަލެއް ކަމުގައި ހަދަމާތޯ އެވެ. ދިވެހި ތާރީޚަކީ އަޅުގަނޑުމެން އެންމެންގެ ފަޚްރެއް ކަމަށް ހަދައި، އަޅުގަނޑުމެންނަށް މިތަރިކަ ވާރުތަކޮށްދިން ކާބަފައިންގެ އަގު ވަޒަންކޮށް، އެމީހުންގެ ހަދާންތައް ދަމަހައްޓަމާތޯ އެވެ. [އުނިއިތުރު ގެންނަވާ] ނިލަންދޫ އާޘާރީ ސަރަޙައްދުގައި ހުރި މުހިއްމުތަންތަންނިލަންދޫ ގައި އޮންނަ އާސާރީ ސަރަހައްދަކީ ދިވެހި ރާއްޖޭގައި ތާރީޚީ ގޮތުން ބަލާއިރު ވަރަށް ފާހަގަ ކޮށްލެވޭ ތަނެކެވެ. އެސަރަހައްދުގައި ހުރި ނިލަންދޫ އާސާރީ މިސްކިތަކީ ދިވެހި ރާއްޖެ އިސްލާމްވުމަށްފަހު އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. މިސަރަހައްދުގައިވާ އާސާރީ ތަންތަނަކީ މީލާދީ ސަނަތުގެ 6 ވަނަ ގަރުނުގެ ތެރޭގައި ބިނާކޮށްފައިވާ ތަންތަންކަން ސައިންޓިފިކް ހޯދުންތަކުން އެގެއެވެ. [އުނިއިތުރު ގެންނަވާ] އާސާރީ މިސްކިތްނިލަންދޫ އާސާރީ ސަރަހައްދުގައި ހުންނަ އާސާރީ މިސްކިތަކީ ދިވެހި ރާއްޖޭގެ ތާރީކްގައި ވަރަށް ފާހަގަ ކޮށްލެވޭނެ މިސްކިތެކެވެ. ބުނެވޭގޮތުގައި މިިމިސްކިތަކީ ދިވެހި ރާއްޖެ އިސްލާމް ކުރެއްވި އިރު ހުންނެވި ރަދުން އައްސުލްތާން މުޙައްމަދު ބިން ޢަބުދުﷲ ބިނާކުރެއްވި 3 މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ. އަނެއް ދެމިސްކިތަކީ މާލޭ ހުކުރު މިސްކިތާއި، ދަރުމަވަންތަ މިސްކިތެވެ. ކުރިން ނިލަންދޫ އާސާރީ މިސްކިތުގައި ކުރިން ހުކުރު ކޮށްފައި ވެއެވެ. [އުނިއިތުރު ގެންނަވާ] ފޯމަތިފޯމަތި މިނަން ކިޔަނީ ނިލަންދޫ އާސާރީ ސަރަހައްދުގައި އޮންނަ އުސް ފަސް ގަނޑަކަށެވެ. ކުރިން އުސްމިނުގައި 30 ފޫޓް ހުރި މިފަސް ގަނޑުން ފަސް ނެގުމުގެ ސަބަބުން މިހާރު ވަނީ ވަރަށް ބޮޑަށް ތިރިވެފައެވެ. މިހާރު މިފަސްގަނޑުގެ އުސްމިނުގައި ހުރީ ގާތްގަނޑަށް 10 ފޫޓް ވަރުކަމަށް ބުނެއެވެ. [އުނިއިތުރު ގެންނަވާ] ފެންވަޅުނިލަންދޫ އާސާރީ މިސްކިތުގެ ގޯތީގެ ތެރޭގައި ހުންނަ ބޮޑު ފެންވަޅަކީ ނިލަންދޫ ރައްޔިތުން މިހާރު ވެސް ބުއިމަށް ބޭނުންކުރާ ފެން ގެންދާ ވަޅެކެވެ. އެންމެ ކުރީ ޒަމާނުގައި ރައްޔިތުން މުޅިންވެސް ބޭނުންކުރަނީ މިވަޅު ކަމަށް ވެއެވެ. [އުނިއިތުރު ގެންނަވާ] ވެޔޮނިލަންދޫ އާސާރީ ސަރަހައްދުގައިވާ އާސާރީ މިސްކިތުގެ ކުރިމަތިން ބިމުގެ އަޑީގައި މިވެޔޮ ވެއެވެ. މިވެޔޮ ވަނީ ފަސް އަޅައި ބައްދައި ލައިފައެވެ. 1984 ގައި ނޯރވޭގެ އާކިއޮލޮޖިސްޓް ތޯހާ ދާލް ވަނ މިވެޔޮ ކޮނެ ދިރާސާތަކެއް ކޮށްފައެވެ. މުސްތަގުބަލްގައި މިވެޔޮކޮނެ ފެންނަގޮތަށް ހަދައިފިނަމަ ފަތުރުވެރިންނަށް ޚާއްޞަ މަންޒިލަކަށް ނުވަތަ ސައިޓަކަށް މިތަން ހެދިދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. |